ތިނަދޫ ސިޓީގައި އިމާރާތްކުރަމުންދާ 200 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް ތިނަދޫ ސިޓީ ކައުންސިލުން ކުރި އިޢުލާން ބާޠިލުކުރުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ތަރައްޤީކުރުމުގެ ވުޒާރާއިން އަންގައިފިއެވެ.
މި މައްސަލައާ ގުޅިގެން އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ވިސާލު ސޮއިކުރައްވައި ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުން އިމާރާތްކުރާ ހައުސިންގ ޔުނިޓުތައް އިމާރާތްކުރުމާއި އެތަންތަން އެކި ފަރާތްތަކަށް ދޫކުރުމުގެ މަސައްކަތް ކުރުމާއި ވިލަރެސްކުރުމުގެ މަސައްކަތަކީ އެ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމަށެވެ.
އަދި ތިނަދޫގައި އިމާރާތްކުރަމުންދާ 200 ހައުސިންގ ޔުނިޓަކީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުން އިމާރާތްކުރަމުންދާ ޔުނިޓުތަކެއް ކަމަށާއި، މި ޔުނިޓުތައް ދޫކުރުމަށް އިޢުލާނުކުރުމުގެ ކުރިން ހައުސިންގ ޔުނިޓުތައް ދެވޭނެ އުސޫލު ފައިނަލްކުރުމާއި އެޕްލިކޭޝަންގެ މަރުޙަލާ ކުރިޔަށް ގެންދަންވާނީ އެ މިނިސްޓްރީގެ އިރުޝާދުގެ ދަށުން ކަ ދަށުން ކަމަށް ބަޔާންކޮށްފައިވެއެވެ.
މިނިސްޓްރީގެ ހުއްދަ ނެތި ކުރެވުނު މި އިޢުލާން ބާޠިލުކުރުމަށާއި، ހައުސިންގ ޔުނިޓުތައް ލިބޭ ފަރާތްތައް ހޯދުމަށް އިޢުލާންކުރުމަށް ބޭނުންވާ އުސޫލު އެންޑޯސްކުރުމަށް އެ ވުޒާރާއަށް ފޮނުވުމަށް ވަނީ އަންގާފައެވެ. އަދި އެ ވުޒާރާގެ އިރުޝާދުގެ ދަށުން ހައުސިންގ ޔުނިޓުތައް ހަވާލުކުރުމާ ގުޅޭ މަސައްކަތް ކުރިޔަށް ގެންދިޔުމަށްވެސް ސިޓީ ކައުންސިލަށް ވަނީ އަންގާފައެވެ.
ތިނަދޫ ސިޓީ ކައުންސިލުން 200 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.