ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) ގެ އިރުމަތީ ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ޖަނަވަރީ 26 އިން 30 އަށް ވޭތުވެދިޔަ 5 ދުވަހުގެ ތެރޭގައި 700 އަށްވުރެ ގިނަ މީހުން މަރުވެ، 2،800 މީހުންނަށް އަނިޔާވެފައިވާ ކަމަށް އދ ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ސްޓެފާން ޑުޖާރިކް ވިދާޅުވެއްޖެއެވެ.
ޑުޖާރިކް ވިދާޅުވި ގޮތުގައި މި އަދަދުތައް އިތުރުވާނެ ކަމަށް ބެލެވެއެވެ. އަދި ހަނގުރާމައިގެ ސަބަބުން ގޯމާގައި ހުރި އެހީ ޖަމްޢިއްޔާތަކުގެ ގުދަންތަކާއި އޮފީސްތައް ފޭރިގަނެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮންގޯގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ ގޯމާ އަކީ ނޯތު ކިވު ޕްރޮވިންސްގައި އޮންނަ ސިޓީއެކެވެ. މި ސިޓީ ވަނީ ހޯމަ ދުވަހު އެއެފްސީ/އެމް23 އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގޮސްފައެވެ. މިއީ މި ގްރޫޕުން ފަހަކަށް އައިސް ހޯދަމުންދާ ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދެވެ. ކޮންގޯ ސަރުކާރުން ބުނާ ގޮތުގައި މި ގްރޫޕަށް ރުވާންޑާއިން އެހީތެރިކަން ފޯރުކޮށްދެއެވެ.
ކޮންގޯގެ ރައީސް ފެލިކްސް ޗިސެކެޑީ ވަނީ އިދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް “ވަރުގަދަ އަދި ވިލަރެސްކުރެވިފައިވާ” ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވިދާޅުވެފައެވެ.
އދ ގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް ފޮރ ޕީސް އޮޕަރޭޝަންސް ޖީން-ޕިއޭރ ލަކްރޯ ވިދާޅުވި ގޮތުގައި ގޯމާގެ ހާލަތު ވަނީ ކުޑަކޮށް ރަނގަޅުވެފައެވެ. ނަމަވެސް އިދިކޮޅު ހަނގުރާމަވެރިން އަނެއް ބޮޑު ސިޓީ ކަމުގައިވާ ބުކަވުއާ ކައިރިވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ހަނގުރާމައިގެ ސަބަބުން ގޯމާގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ނުލިބި، ބަލިމަޑުކަން ފެތުރުމުގެ ނުރައްކާ ބޮޑުވާނެ ކަމަށް މާހިރުން ވަނީ އިންޒާރުދީފައެވެ. އދ ގެ އިންސާނީ އެހީގެ އޮފީހުން ބުނާ ގޮތުގައި ގޯމާގައި ރައްކާތެރި ބޯފެން ލިބުން ވަނީ ހުއްޓިފައެވެ. މިކަމުގެ ސަބަބުން ފެނުން ޖެހޭ ބަލިތައް ފެތުރުމުގެ ނުރައްކާ އިތުރުވެގެންދާނެ ކަމަށް އދ އިން ވަނީ އިންޒާރުދީފައެވެ.