ޤައުމެއްގެ އުފާވެރިކަން އިތުރުކުރުމުގައި ބަހާއި ސަގާފަތަށް އިސްކަންދޭންޖެހޭ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އުފާވެރިކަން މިންކުރުމަށްޓަކައި “ހެޕިނެސް އިންޑެކްސް” އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ފާހަގަކުރެއްވި ގޮތުގައި މިފަދަ އިނިޝިއޭޓިވްއެއް ރާއްޖޭގައި ފެށިގެންދިއުމަކީ ވަރަށް އުފާވެރި ކަމެކެވެ. އަދި މިއީ ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި، ޚާއްޞަކޮށް ޑިމޮކްރެޓިކް އުސޫލުތަކުން ހިންގާ ޤައުމުތަކުގައި ބަލައި ވަޒަންކުރާ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ފަސްޓް ލޭޑީ އިތުރަށް ވިދާޅުވީ ޤައުމެއްގެ އުފާވެރިކަން އަށަގެންނެވުމުގައި އެ ޤައުމެއްގެ މާދަރީ ބަހާއި ސަގާފަތުގެ އިތުރުން ތަރިކައާއި ފަންނުވެރިކަން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި ޒަމާނުއްސުރެ މާދަރީ ބަހުން އުފެދިފައިވާ ރީތި ޅެންތަކާއި، ޖޯކުތަކާއި، ހިކުމަތްތެރި ވާހަކަތަކާއި ބުނުންތައް ފަދަ އަދަބީ އުފެއްދުންތަކުން އުފާ ލިބިގަތުމަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި ކުރަމުންދާ ކަމެއްކަމަށް ވިދާޅުވިއެވެ.
ފަސްޓް ލޭޑީ ސާޖިދާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި އިލްމީ ނަޒަރަކުން ބަލާއިރުވެސް ފިކުރީ އުފާވެރިކަން ލިބިގަނެވެނީ ހަމައެކަނި މާދަރީ ބަހުންނެވެ. އެހެންކަމުން، ޤައުމެއްގެ އުފާވެރިކަން އިތުރުކުރުމުގައި ތަރިކައާއި ބަހާއި ސަގާފަތަށް އިހުތިރާމްކޮށް، އެ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުމަކީ މުހިންމު ކަމެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ.