މިދިޔަ އަހަރުގެ ރޯދަ މަހު އުމްރާއަށް މީހުން ގެންގޮސް ހާލުގައި ޖެއްސި އަލް-މަޝްއަރު ޓުއާސްގެ ވެރިޔާގެ މައްޗަށް ދައުވާކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ ތުހުމަތު ކުރެވޭ މައްސަލައިގައި އެ ގްރޫޕުގެ ވެރިޔާ މ. ހަވީރީފިނި، އަލީ ފާރިޝްގެ މައްޗަށް ދައުވާތައް ކުރަން މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ ފާރިޝްގެ މައްޗަށް ޓެކުމުގެ ދައުވާ ކުރީ އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މަޝްއަރު ކުންފުނީގެ ދަށުން ހިންގާ މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕަށް މިދިޔަ އަހަރު އުމްރާއަށް މީހުން ގެންގޮސް ދިނުމުގެ ހުއްދަ ލިބިފައިނުވަނީސް، އެކި މީހުން ގާތުގައި އެ ކުންފުނީގެ ފަރާތުން އުމްރާއަށް ގެންގޮސްދޭނެކަަމަށް ބުނެ، ދިވެހި ފައިސާއާއި ޑޮލަރު ނެގުމަށްފަހު އެ މީހުން އުމްރާއަށް ގެންގޮސްދީފައި ނުވާތީ އާއި އަދި އެ ފައިސާ އަނބުރައި ރައްދުކޮށްދީފައި ނުވާތީ ކަމަށެވެ.
ފާރިޝްގެ މައްޗަށް ކުރަނީ ގާނޫނުލްއުގޫބާތުގެ ދަށުން ޓެކުމުގެ ހަ ދައުވާއެއް އަދި މަނީ ލޯންޑަރިންގެ ދައުވާއެކެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި ފާރިޝް ހިޔާނާތްތެރިވިކަމަށް ތުހުމަތުކުރެވޭ ފައިސާގެ އަދަދަކީ 391،072 ރުފިޔާ އާއި 8،100 ޑޮލަރެވެ. މި ފައިސާ ދެއްކި ފަރާތްތަކަށް ވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އޭނާގެ އަތުން މި ފައިސާ ނަގައިދިނުމަށް ދައުވާގައި އެދިފައިވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލާފައި ވަނީ އުމްރާއަށް ގެންދާނެ ކަމަށްބުނެ ނެގި ފައިސާ އޭނާގެ އަމިއްލަ އެކައުންޓުތަކަށާއި، އޭނާގެ ހިއްސާ އޮންނަ ޓްރިއާ ޕްރައިވެޓް ލިމިޓެޑްއާއި، ހާފްޓަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އިތުރު ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކޮށް، ފައިސާ ލޯންޑާ ކޮށްފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.