އެއްވެސް ރައްޔިތެއްގެ ޒާތީ މަޢުލޫމާތަށް އެކްސެސް ވެއްޖެނަމަ އެކަން އެނގޭނެ އައިޑީކާޑެއް ތަޢާރަފް ކުރެއްވުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތީގައި ރައީސް ޑރ. މުހައްމަދު ދެއްވި ރިޔާސީ ބަޔާނާ ގުޅިގެން، ދައުލަތުގެ މީޑިއާ ޕީއެސްއެމުން ރޭ ގެނެސްދިން ‘ރިޔާސީ ބަޔާން 2025 ފޯރަމް” މިނިސްޓަރު އިހްސާން ވިދާޅުވީ ޒާމާނަށް ފެތޭ ޑިޖިޓަލް އައިޑީ ކާޑު ވާނީ އިންޓަނޭޝަނަލް ފެންވަރުގެ އެއްޗަކަށް ކަމަށެވެ.
ހަމައެއާއެކު އެފަދަ ކާޑެއް ތަޢާރަފް ކުރުމުން އެއްވެސް ތަނަކުން އައިޑީ ކާޑަށް އެކްސެސް ވެއްޖެނަމަ ވެރިފަރާތަށް އެކަން އެނގޭނެ ކަމަށް އިޙްސާން ވިދާޅުވިއެވެ.
“އެ މީހެއްގެ ކޮންސެންޓް އެކަމުގައި ބޭނުން ވާނެ. އެކޮންސެންޓާއ އެކު އިދާރާއަކުން އެކަން ކުރާނީ.” އިހްސާން ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ ޒަމާނީ އައިޑާ ކާޑު ވާނީ އައިޑީ އެ ކާޑެއްގެ މައުލޫމާތު ހޯދީ ކާކުކަން ނުވަތަ ކޮން ކަމަކާއި ގުޅިގެންކަން ވެސް ބެލޭނެ އެެއްޗަކަށް ކަމަށެވެ.
އިހުސާން ވިދާޅުވީ ލުއިފަސޭހަ ގޮތަކަށް އިދާރާތަކުން ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ހުރިހާ އިދާރާއެއް ގުޅިފައި އޮންނަ ގޮތަށް ޑޭޓާ އެކްސްޗޭންޖު ލޭޔާއެއް ގާއިމުކުރާނެ ކަމަށާއި އެއާއެކު އެމީހަކު ބޭނުންތަނަކު ހުރެގެން ހިދުމަތްތަކަށް އެދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި އެ ޑިޖިޓަލައިޒޭޝަންތަކާއެކު ސައިބަ ސެކިއުރިޓީ ކަށަވަރުކުރުމަށް ވެސް މަސައްކަތްކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.