ހަސަން ޝަކީލަކީ މަސައްކަތް ކުރެއްވުމުގައި ހީވާގި، ހިތްވަރުފުޅު ގަދަ ބޭފުޅެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ޝަކީލް ނިޔާވުމާ ގުޅިގެން ތައުޒިޔާ ދަންނަވާފައެވެ. އެމްއެމްއާރުއައިއަށް 41 އަހަރު ހިދުމަތް ކުރައްވާފައިވާ ޝަކީލް ނިޔާވީ އުމުރުން 64 އަހަރުގަ އެވެ.
ރައީސް ވިދާޅުވީ މަސްވެރިކަމާއި، ކަނޑުތަކާ ބެހޭ ދިރާސާތައް ކުރެއްވުމުގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ ޝަކީލް އަވަހާރަވުމަކީ، އެ ދާއިރާއިން ޤައުމަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެއް ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީން “އެކްސް” ގައި ކުރި ޕޯސްޓުގައި ބުނީ ދިވެހި ދައުލަތުގެ ހިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާއިރު، ރާއްޖޭގެ ކަނޑުގެ ދިރުންތައް އާލާކުރުމުގެ މަސައްކަތް ކުރީގެ މެރިން ރިސާޗް ސެކްޝަނުގައި ފުރަތަމަ ފެށިގެން ދިޔައީ ޝަކީލުގެ މޭސްތިރިކަމުގެ ދަށުން ކަމަށެވެ.