އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ދުނިޔޭގެ މަޝްހޫރު ދާޢީ ޝައިޚް އިސްމާޢިލް ބުލަކްގެ ޚާއްޞަ ދަރުހެއް މިރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.
މިނިސްޓްރީން ބުނިގޮތުގައި އިނގިރޭސި ބަހުން ކުރިއަށްދާ މި ދަރުހުގައި އަލިއަޅުވާލާނީ ހިތްހަމަޖެހުމާއި އުފާވެރިކަން ޙާޞިލްކުރުމަށް އޮތް ޙަޤީޤީ މަގާ ގުޅޭގޮތުންނެވެ.
ޝައިޚް އިސްމާޢިލް ބުލަކްގެ މި ދަތުރުފުޅުގައި އިތުރު ޙަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ޚާއްޞަ ދަޢުވާ ވޯކްޝޮޕެއް ބޭއްވުމުގެ އިތުރުން، މިފަހަރު އައްޑޫގައި މިސްކިތްތަކުގެ އިމާމުންނަށް ޚާއްޞަކޮށްގެން ވޯކްޝޮޕެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
މީގެ ކުރިންވެސް ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމްވެރިން ރާއްޖޭގައި ދަރުސް ދެއްވާފައިވެއެވެ. އޭގެތެރޭގައި ޑރ. ޒާކިރް ނައިކް އަދި ޑރ. މުފްތީ މެންކްގެ ދަރުސްތައް ފާހަގަކޮށްލެވެއެވެ.



