ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރާތްކުރަމުންދާ މިސްކިތްތަކުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ނިމޭނެކަމަށް ލަފާކުރެވޭ ތާރީޚުތައް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން ހާމަކޮށްފައިވާ މަޢުލޫމާތުތަކުގެ ތެރޭގައި، ފެޑޯ ޕްރައިވެޓް ލިމިޓެޑުން އިމާރާތްކުރާ މިސްކިތުގެ ކޮންކްރީޓް މަސައްކަތް މިހާރު ކުރިއަށްދާއިރު، އެ މިސްކިތް 2026 ވަނަ އަހަރުގެ މާރިޗު މަހު ނިމޭނެކަމަށް ވަނީ ލަފާކޮށްފައެވެ. ހަމައެހެންމެ، ބެޗް ކޮންސްޓްރަކްޝަނުން އިމާރާތްކުރާ މިސްކިތުގެ ސިމެންތި ޖެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމާއި، މި މިސްކިތްވެސް 2026 ވަނަ އަހަރުގެ މާރިޗު މަހު ނިމޭނެކަމަށްވެސް މިނިސްޓްރީން ލަފާކޮށްފައިވެއެވެ.
އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން އިމާރާތްކުރާ މިސްކިތުގެ ކޮންކްރީޓް އާރޗްތައް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި، މި މިސްކިތް މިއަހަރުގެ ޑިސެމްބަރު މަހު ނިމޭނެކަމަށް ލަފާކުރެވޭކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އަދި ސަންފްރޮންޓުން އިމާރާތްކުރާ މިސްކިތް 2026 ވަނަ އަހަރުގެ މާރިޗު މަހު ނިމޭނެކަމަށްވެސް ލަފާކޮށްފައިވެއެވެ.
އެންމެ އަވަހަށް ނިމޭނެކަމަށް މިނިސްޓްރީން ލަފާކޮށްފައިވަނީ އަޙްމަދު ސަލީމް އަދި ޙަފީޒާ އަޙްމަދުގެ ފަރާތުން އިމާރާތްކުރާ މިސްކިތެވެ. މި މިސްކިތް މިއަހަރުގެ މެއި މަހު ނިމޭނެކަމަށް މިނިސްޓްރީން ލަފާކޮށްފައިވެއެވެ.
މީގެއިތުރުން، ހުޅުމާލެއާއި ރާއްޖޭގެ އެހެނިހެން ސަރަޙައްދުތަކުގައި އިމާރާތްކުރަމުންދާ މިސްކިތްތަކުގެ މަސައްކަތް އަވަސްކުރުމަށްޓަކައި، މިސްކިތްތަކުގެ މަސައްކަތްކުރާ ފަރާތްތަކާއި މިނިސްޓްރީ ޢާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް ފާހަގަކޮށްފައިވެއެވެ.