މޯލްޑިވްސް މީޑިއާ ކައުންސިލްގެ ދެ މަޤާމަކަށް މެންބަރުން ހޮވުމަށް ބާއްވާ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން މިއަދު ހުޅުވާލައިފިއެވެ.
މިނިސްޓްރީގެ އިޢުލާނުގައި ބުނެފައިވާ ގޮތުގައި، މި ދެ މަޤާމަކީ އާންމު މެންބަރެއްގެ މަޤާމަކާއި މީޑިއާތައް ތަމްސީލުކުރާ މެންބަރެއްގެ މަޤާމެވެ. މީޑިއާތައް ތަމްސީލުކުރާ މެންބަރުގެ މަޤާމު ހުސްވާނީ 28 އެޕްރީލް 2025 ގައެވެ.
ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، 18 އަހަރު ފުރިފައިވުން ހިމެނެއެވެ. އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ވެސް ހިމެނެއެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އާންމު މެންބަރުންގެ ގޮތުގައި ކަނޑައަޅާ ފަރާތްތައް ކަނޑައެޅުމުގައި ޤާނޫނީ ދާއިރާއިން ނުވަތަ ދިވެހިބަހުގެ ދާއިރާއަކުން ނުވަތަ އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ނުވަތަ ދީނީ ޢިލްމުގެ ދާއިރާއަކުން މަތީ ތަޢުލީމު ޙާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
މި މަޤާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން 20 ފެބްރުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެ ފޯމު ފުރިހަމަކޮށް، ބޭނުންވާ ލިޔެކިޔުންތަކާއެކު މިނިސްޓްރީގެ އީމެއިލް އެޑްރެހަށް ފޮނުވަންވާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލަކީ ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. މި ކައުންސިލްގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް، ޒިންމާދާރު ނޫސްވެރިކަމެއް ކުރިއެރުވުމެވެ.