ލިބެންހުރި މަދު ވަސީލަތްތަކުގެ ބޭނުން ފަނޑިޔާރުން މިދިޔަ އަހަރު ހިފީ ހިކުމަތްތެރިކަމާ އެކު ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ވިދާޅުވެއްޖެ އެވެ.
“ޤަޟާޢީ އަހަރު 2025” އިފްތިތާޙްކޮށްދެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އުއްތަމަ ފަނޑިޔާރުވަނީ ފަނޑިޔާރުން ވަރުބަލި ކަމެއް ނެތި، ލިބިފައިވާ ވަސީލަތްތަކުގެ ބޭނުންކޮށް، ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރަނީ ތައައްސުބުން އެއްކިބާވެފައިވާ އިންސާފުވެރި، ރައްޔިތުން އިތުބާރު ކުރާ ފަނޑިޔާރު ގެއަކަށް ރާއްޖޭގެ ޖުޑިޝަރީ ހެދުމަށް ކަމަށް ވިދާޅުވެފައެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖުޑިޝަރީގެ މަސައްކަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ 194 ކޯޓުން ކޮންމެ ދުވަހަކު ވެސް ކުރަމުންދާކަން ހުކުމްތަކުން ފެންނާނެ ކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ވިދާޅުވީ ޓެކްނޮލޮޖީގެ އެހީއާއެކު މިދިޔަ އަހަރު ޝަރީޢަތްތައް އަވަސްކުރެވި ޝަރުޢީ ދާއިރާގެ ދުވެލި ހަލުވި ކުރެވުނު ކަމަށާއި އުންމީދަކީ މިއަހަރުވެސް ޝަރުޢީ ދާއިރާގައި ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު އިތުރުކުރުންކަމަށެވެ.
އަދި ވިދާޅުވީ ޝަރުޢީ ނިޒާމުގެ ތެރެއިން މައްސަލަތައް ލަސްވުން ޙައްލުކުރުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ދެނެގަނެފައިވާ ކަމަށެވެ. އަދި މި ބަދަލުތައް މި އަހަރު ގެނެވޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.