ވަރލްޑް ގަވަރމަންޓްސް ސަމިޓް 2025 ގެ ތެރެއިން މިއަދު ދިވެހި ސަރުކާރާއި ޔޫ.އޭ.އީ ސަރުކާރާ ދެމެދު ވެފައިވާ ގަވަރމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަންގެ ދާއިރާއިން ތަޖުރިބާ ހިއްސާކުރުމުގެ އެއްބަސްވުން އާކޮށްފިއެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޟް އެވެ. އަދި ޔޫ.އޭ.އީގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ކެބިނެޓް އެފެއާޒް ފޮރ ކޮމްޕެޓިޓިވްނަސް އެންޑް ނޮލެޖް އެކްސްޗޭންޖް، ޢަބްދުﷲ ނަޞީރު ލޫތާ އެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ޔޫ.އޭ.އީގެ ގަވަމެންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް (ޖީ.އީ.އީ.ޕީ) ގެ ދަށުން ޔޫ.އޭ.އީގެ ތަޖުރިބާ ބަދަލުކޮށް ހިއްސާކުރުމުގެ ތެރެއިން ދިވެހި ސަރުކާރުގެ މަސައްކަތުގެ ނިޒާމާއި ތަޖުރިބާތަކުގެ ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި އެއްބަސްވުމުގެ ދަށުން ގަވަރމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަންގެ ދާއިރާއިން ހިންގޭ ޕްރޮގްރާމްތަކުގައި ދިވެހި ސަރުކާރުގެ އޮފިޝަލުން ބައިވެރިކުރުމަށް ފުރުޞަތު ފަހިކޮށްދޭނެކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ފާއިތުވި ތިން އަހަރުގެ ތެރޭގައި މި އެއްބަސްވުމުގެ ދަށުން ޖީ.އީ.އީ.ޕީގެ ހަތަރު ތަމްރީނު ޕްރޮގްރާމެއްގައި ސަރުކާރުގެ 128 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ސިވިލް ސަރވިސް މުވައްޒަފުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ހިމެނެއެވެ.
މި ޕްރޮގްރާމްތަކުގެ މައިގަނޑު އަމާޒަކީ ދިވެހި ސަރުކާރުގެ މުވައްޒަފުންގެ ކުރިއެރުމަށްޓަކައި އުނގެނުމާއި އީޖާދީ މުހިންމު އެކިއެކި ކަންކަމުގެ މައްޗަށް އަލިއަޅުވާލުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.