އިސްލާމިކް މިނިސްޓްރީން ބޭއްވުމަށް ހަމަޖެހިފައިވާ “ނޫރުލް އަޒާން 1446″ ބަންގި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ބާއްވާ އޮޑިޝަންތައް ފަށައިފިއެވެ.
މި މުބާރާތުގެ އޮޑިޝަން ކުރިޔަށް ދަނީ އިސްލާމީ މަރުކަޒުގަ އެވެ.
“ނޫރުލް އަޒާން” ބަންގި މުބާރާތަކީ އުމުރުން 15 އަހަރާއި 20 އަހަރާއި ދެމެދުގެ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 40 ފަރާތަކުން ބައިވެރިވެފައިވާއިރު، އޮޑިޝަންގައި ވާދަކުރާނީ މުބާރާތުގައި ވާދަކުރުމަށް ޝަރުތުހަމަވާ 30 ފަރާތަކުން ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި މުބާރާތުގެ މަގުސަދަކީ ރީތި ރާގުތަކަށް ސައްހަ މަގުން ހުނަރުވެރިކަމާ އެކު ބަންގިދޭ ޒުވާނުންތަކެއް އުފެއްދުމާއި ޒުވާނުންނާއި ކުދިބޮޑު އެންމެންގެ ހިތްތަކުގައި އެކަމަށް ޝައުގުވެރިކަން އުފެއްދުން ކަމުގައި މިނިސްޓްރީން ބުނެ އެވެ.
ހަމައެހެންމެ މިއީ ގައުމުގެ އިސްލާމީ ޝަހިސިއްޔަތު ވަރުގަދަ ކުރުމާއި. ރީތިކޮށް ބަންގިދޭ ޒުވާނުންގެ ޕޫލެއް އެކުލަވާލުމާއި، އެ ފަންނުގެ ރޫހު އާލާކޮށް ދިރުވައި ކުރިއެރުވުމަށް ވެސް ހާއްސަކޮށްގެެން ބާއްވާ މުބާރާތެއް ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި މުބާރާތުން ވަނަތަކަށް އަންނަ ބައިވެރިންނަށް އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އަންނަ ރޯދަ މަހު މާލޭގެ ބޮޑެތި މިސްކިތްތަކުގައި ހުކުރު ނަމާދުގެ ބަންގި ގޮވުމުގެ ފުރުސަތު ދިނުމަށްވެސް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ.