ފުލްޓައިމް އަދި ޕާޓް ޓައިމް ވަޒީފާއެއްގެ ގޮތުގައި ޓެކްސީ ކުރެވޭނެ ފުރުސަތާއެކު ސަރުކާރުގެ ޓެކްސީ ލައިން ފަށަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ރަސްމީކޮށް އެމްޓީސީސީއާ ހަވާލުކުރި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ޝަމީމާއި އެމްޓީސީސީގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
ރާއްޖެއިން ބޭރުގައި ވެސް އާންމު ޓެކްސީ ހިދުމަތް ދޭ އޫބާ، ގްރޭބް ފަދަ ހިދުމަތްތަކާ އެއްގޮތަށް ރާއްޖޭގައި މި ހިދުމަތް ދެމުން ގެންދާނީ އިލްކެޓްރިކް ވެހިކަލްގައި ކަމަށް ސަރުކާރުން ބުނެއެވެ.
ޓްރާންސްޕޯޓުން ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު، މި ހިދުމަތް ބޭނުންވާ ވަގުތަކު ލިބޭއިރު، ބޭނުންވާ ތަނަކަށް ވާސިލް ވެވޭނެއެވެ. މާލެ ޓެކްސީ ލައިންގެ ސަބަބުން މާލޭގައި ޓެކްސީ ދުއްވާ ފަރާތްތަކަށްވެސް އެތައް ފައިދާއެއް ލިބިގެން ދާނެއެވެ. މިގޮތުން އަމިއްލައަށް ކާރެއް ގަންނަން ނުޖެހި، ގަރާޖެއް ހޯދަން ނުޖެހި، ވަޒީފާގެ ފުރުސަތު އިތުރުވެގެން ދާނެއެވެ. އަދި ޕާޓް ޓައިމްކޮށް މިކަން ކުރަން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުސަތު ލިބިގެން ދާނެއެވެ.
ތިން ފިޔަވައްސަކަށް ބަހާލައިގެން ސަރުކާރުން މި ހިދުމަތް ފަށާއިރު، މި އަހަރުގެ ތެރޭގައި މި ހިދުމަތް މާލެ އާއި ހުޅުމާލޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދޭން ފަށާނެއެވެ. ދެ ވަނަ ފިޔަވަހީގައި 2026 އާއި 2027 ގައި ވިލިނގިއްޔާއި ތިލަފުއްޓަށް އެ ހިދުމަތް ތައާރަފް ކުރާން ވަނީ ނިންމާފައެވެ. ތިން ވަނަ ފިޔަވަހީގައި 2028 އާއި 2029 ގައި ރަސްމާލެ، ގިރާވަރު، އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުއްޓަށް އެ ހިދުމަތް ތައާރަފް ކުރަން ވަނީ ރާވާފައެވެ.