“އަހާ” ގެ ނަމުގައި ސިލްސިލާކޮށް ބާއްވާ ޕަބްލިކް ފޯރަމްތަކުގެ ތެރެއިން ފޯރަމެއް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ މި ފޯރަމްތަކަކީ ސަރުކާރުގެ އިސްވެރިންނާއި ޢާންމުންގެ މެދުގައި ސީދާ މުޢާމަލާތްތައް ކުރިއެރުވުމުގެ މަޤްޞަދުގައި ބާއްވާ ފޯރަމްތަކެކެވެ.
އެގޮތުން މިރޭގެ ފޯރަމްގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތާރިޤް އިބްރާހީމާއި، މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ.ޢާއިޝަތު ޝިހާމްގެ އިތުރުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ.ޢަލީ ހައިދަރު އަޙްމަދު ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
މި ފޯރަމްގައި ވަޒީރުން ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭ ގޮތުން ބްރީފިންތައް ދެއްވައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވާނެކަމަށާއި، މި މަސައްކަތުގެ މަޤްޞަދަކީ ދެފުށް ފެންނަ މިންވަރު އިތުރުކޮށް، ރައްޔިތުންނަށް ސަރުކާރާ ގުޅުން ބަދަހިކޮށް، މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި ސިޔާސަތުތައް ދެނެގަތުމުގެ މަގު ފަހިކޮށްދިނުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
“އަހާ” ފޯރަމް އޮންނާނީ މިރޭ 9:00 ގައި ޕީއެސްއެމްގައެވެ. މި ފޯރަމްގައި އަމިއްލައަށް ބައިވެރިވުމުގެ އިތުރުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް މި ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު އޮންނަނީ ހުޅުވާލާފައެވެ.