ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ބޭނުންނުކުރެވޭގޮތަށް ވަގުތީގޮތުން ބަންދުކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ރަސްފަންނުގެ މޫދަށް އެެރޭ ސަރަހައްދުގެ 500 އަކަ މީޓަރުގެ ބޮޑުމިނުގެ ހިސާބެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާ ކަމަށެވެ.
އެހެންވެ އެ ސަރަޙައްދުން ކިސަޑު ނަގައި، ބީޗަށް ވެލި އެޅުމުގެ މަސައްކަތް މިއަދު ހެނދުނު 9 ޖަހާއިރު ފަށަން ހަމަޖެހިފައިވާތީ އެ މަސައްކަތް ކުރިއަށްދާ މުއްދަތުގައި ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ބަންދުވާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
އެކަމަށް ކިހާ މުއްދަތެއް ހޭދަވާނެ ކަމެއް ކައުންސިލުން ނުބުނެ އެވެެ.
ރަސްފަންނުގެ މޫދުން ކިސަޑު ނަގަން ސިޓީ ކައުންސިލުން މަސައްކަތްތަކެއް ފަށަން ނިންމާފައި މިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީގެ ދެ ދުވަސްކުރިން ރަސްފަންނަށް ވަޑައިގެން އެ ތަނުގެ ހާލަތު ދަށްވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާ، އެ ތަން މަރާމާތު ކުރަން ސަރުކާރުން އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވެފައިވަނިކޮށެވެ.