އ.ދ. ގެ ސަލާމަތީ މަޖިލީހަކީ ޒަމާނަށް ފެތޭ ބައިނަލްއަޤްވާމީ ޤާނޫނު ނެގެހެއްޓޭ މަޖިލީހަކަށް ހެދުމަށްޓަކައި، ވީޓޯ ކުރުމުގެ ބާރު އުވާލާ، ނޮން-ޓްރެޑިޝަނަލް ސަލާމަތީ މައްސަލަތަކާއި، ދުނިޔޭގެ ސަލާމަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް އިސްކަންދިނުމަށް ޚާރިޖީ ވަޒީރު ޑރ ޚަލީލް ގޮވާލައްވައިފިއެވެ.
ވަޒީރު މިހެން ވިދާޅުވީ މަސްކެޓްގައި ކުރިއަށްދާ 8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގެ ދެވަނަ ޕްލިނަރީކަމުގައިވާ “އެމްޕްލިފައިންގ ދަ ވޮއިސް އޮފް ގްލޯބަލް ސައުތު” ގައި ޕެނަލިސްޓްއެއްގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުންނެވެ.
މި ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ޚަލީލް ވަނީ ބައިނަލްއަގުވާމީ ނިޒާމު އިސްލާހުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވައިލެއްވި ގޮވައިލެއްވުން ތަކުރާރު ކުރައްވައިފައެވެ. އެ ބައިނަލްއަގުވާމީ ނިޒާމުން ނިންމާ ނިންމުންތައް ނިންމުމުގައި ތަރައްގީވަމުން އަންނަ ގައުމުތަކަށް، ވަކިން ޚާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް، އިސް ދައުރެއް ދިނުމުގެ މުހިންމުކަން ޚަލީލް ފާހަގަކުރެއްވިއެވެ.
އެގޮތުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްސަކޮށް އ.ދ. ގެ ސަލާމަތީ މަޖިލީހުގައި ނޮން-ޕާމަނަންޓް ރޮޓޭޓިންގ ސީޓެއް ހަމަޖެއްސުމަށް ޚަލީލް ވަނީ ގޮވާލައްވާފައެވެ. އަދި، އެ މަޖިލީހަކީ ޒަމާނަށް ފެތޭ ބައިނަލްއަޤްވާމީ ޤާނޫނު ނެގެހެއްޓޭ މަޖިލީހަކަށް ހެދުމަށްޓަކައި، ވީޓޯ ކުރުމުގެ ބާރު އުވާލާ، ނޮން-ޓްރެޑިޝަނަލް ސަލާމަތީ މައްސަލަތަކާއި، ދުނިޔޭގެ ސަލާމަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް އިސްކަންދިނުމަށް ގޮވާލެއްވިއެވެ.
މީގެ އިތުރުން، އިންޑިއާ ކަނޑުގައި ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ލިބިގެންދާ ފުރުސަތުތަކާ ގުޅޭގޮތުން ވެސް ޚަލީލްވަނީ ވާހަކަ ދައްކަވައިފައެވެ. އެ ގޮތުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި ގާނޫނާ ޚިލާފަށް ކަނޑު މަތީގައި ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ވިލުންތެރި ދިވެހިރާއްޖެއެއް ގާއިމުކޮށް، އިންޑިއާ ކަނޑުގެ ސަރަހައްދުތަކުގެ ގައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ގޮވައިލެއްވިއެވެ.