ރާއްޖެ މި ދެކޭ ކުރިއެރުމާއި ތަރައްޤީގެ ޙަޤީޤީ މޭސްތިރިންނަކީ އިސްރަށްވެހިން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
މެޑަމް ސާޖިދާ މިފަދައިން ވިދާޅުވީ އިސްރަށްވެހިންގެ ނާދީއަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް އިއްޔެ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިސްރަށްވެހިންގެ ނާދީއަށް 1 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ އިސްރަށްވެހިންގެ ތަޖުރިބާތަކާއި މަޢުލޫމާތު ޒުވާނުންނަށް ފޯރުކޮށްދިނުމުގެ މުހިންމުކަމަށެވެ. އަދި އެ ތަޖުރިބާތަކާއި މަޢުލޫމާތާއި ހުނަރު އަދުގެ ޒުވާނުންނަށް ފޯރުކޮށްދިނުމަށް އިސްރަށްވެހިންގެ ކިބައިން މެޑަމް ސާޖިދާ އެދިވަޑައިގެންނެވިއެވެ.
އިސްރަށްވެހިންގެ ޤުރުބާނީއަށްޓަކައި އިސްރަށްވެހިންނަށް ޙުރުމަތް އަދާކުރުމުގައި އަދުގެ ޖީލު ދަރަނިވެރިވެފައިވާ ކަމަށް ސާޖިދާ ވިދާޅުވި އެވެ.
އިސްރަށްވެހިންގެ ނާދީއަށް 1 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ނާދީގެ ލޯގޯ ވަނީ ތަޢާރަފްކޮށްފައެވެ. އަދި އިސްރަށްވެހިންގެ ނާދީން ޚިދުމަތް ހޯދައި ފަރާތްތަކަށާއި އެ ތަނުގައި ހިންގާ ޕްރޮގުރާމްތަކުގައި ބައިވެރިވުމަށް ބޭނުންކުރެވޭނެ މެންބަރޝިޕް ކާޑެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ. މެންބަރޝިޕް ކާޑު ތަޢާރަފްކޮށްދެއްވީ ޕެންޝަން އޮފީހުގެ ސީއީއޯ ޝުޖާތާ ހަލީމެވެ.
މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހު، މާލޭގައި ހުޅުވި އިސްރަށްވެހިންގެ ނާދީއަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅެއްކަމަށްވާ، އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނިގެން ބިނާކުރި ފުރަތަމަ މަރުކަޒެވެ.