ރާއްޖޭގައި ހިންގަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ހުއްދަ ދީފައިވާ ޕްރޮގްރާމްތައް ރާއްޖެއިން ބޭރުގައި ހިންގައިގެން ދޫކުރާ ސަނަދުތައް ގަބޫލު ނުކުރާނެކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
އެމްކިއުއޭއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި، އެ އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް އެމްކިއުއޭއިން ގަބޫލު ނުކުރާ ބޭރުގެ ބައެއް މަރުކަޒުތަކުގައި ހިންގަމުންދާކަން ފާހަގަކުރެވިފައިވެއެވެ. މީގެ އިތުރުން، އެފަދަ މަރުކަޒުތަކުގައި މި ޕްރޮގްރާމްތައް ހިންގާ އިޝްތިހާރުކޮށް ސަނަދު ވެސް ދޫކުރަމުންދާކަމުގެ މައުލޫމާތު ރާއްޖެއިން ބޭރުގެ ކަމާ ބެހޭ އިދާރާތަކުން ވަނީ އެމްކިއުއޭއާ ހިއްސާކޮށްފައެވެ.
“ވުމާއެކު ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒުތަކުން ޕްރޮގްރާމް އެކްރެޑިޓޭޝަން ދީފައިވާ ގޮތާ އެއްގޮތަށް ޕްރޮގްރާމްތައް ހިންގަމުން ދިއުމަކީ މި އޮތޯރިޓީގެ ވަރަށް ބޮޑު އެދުމެކެވެ،” އެމްކިއުއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްކިއުއޭއިން އަންގާފައިވާ ގޮތުގައި، އެ އޮތޯރިޓީގެ އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ބޭރުގެ މަރުކަޒުތަކުން ހިންގައި ދޫކުރާ އެއްވެސް ސެޓްފިކެޓެއް ގަބޫލެއް ނުކުރާނެއެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ ކިޔަވާ ދަރިވަރުންނަށް ލިބޭ ގެއްލުންތަކުގެ ޒިންމާވެސް އެމްކިއުއޭއިން ނުނަގާނެކަން ވަނީ ސާފުކޮށް އަންގާފައެވެ. މި މައްސަލައާ ގުޅިގެން ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަށް އެމްކިއުއޭއިން ވަނީ ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކަށް ގޮވާލާފައެވެ. އަދި ދަރިވަރުން ކިޔެވުމަށް ކޯހެއް ޚިޔާރުކުރުމުގެ ކުރިން އެމްކިއުއޭގެ ހުއްދަ އޮތްތޯ ބެލުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.