ތިމާވެއްޓާ ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ “އާތު އަވާ” ގެ ހަރަކާތްތައް ރާއްޖޭގައި ވެސް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިނިސްޓްރީން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިރޭ 20:30 އިން 21:30 އަށް، ކޮންމެހެން ބޭނުންކުރަންޖެހޭ ދިއްލުންތައް ފިޔަވައި އެހެން ހުރިހާ ދިއްލުންތަކެއް ނިވާލުމަށް ވަނީ އެދިފައެވެ. މި ހަރަކާތުގައި މާލެ އާއި ރާއްޖޭގެ އެންމެހާ ރަށްރަށުގެ އާންމު ގެތަކާއި، ވިޔަފާރި ކުންފުނިތަކާއި މަދަނީ ޖަމިއްޔާތަކުން ބައިވެރިވުމަށް މިނިސްޓްރީން ގޮވާލައިފައިވެއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ފާހަގަކުރި ގޮތުގައި “އާތު އަވާ” އަކީ ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ މެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ދުނިޔޭގެ ފެންވަރުގައި ބާއްވާ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ގުދުރަތީ ތަރިކަ ހިމާޔަތްކުރުމަށް އެއްބައިވަންތަކަން ދެއްކުމެވެ.
ކުރީގެ އަހަރުތަކުގައި ވެސް ރާއްޖޭގައި “އާތު އަވާ” ފާހަގަކުރަމުން އައި ނަމަވެސް، ފަހަކަށް އައިސް މި ހަރަކާތް އޮތީ މެދުކެނޑިފައެވެ. ނަމަވެސް މިއަހަރު އަލުން މި ހަރަކާތް ފާހަގަކުރުމަށް ނިންމާފައިވާކަން ފާހަގަކުރެވެއެވެ.
މި ހަރަކާތުގެ ތެރެއިން މުޅި ދުނިޔެ ފާހަގަކުރާ އެއް ގަޑިއިރުގެ ނިވާލުމުގައި ބައިވެރިވެ، ތިމާވެއްޓަށް އަންނަ ބަދަލުތަކާ ދެކޮޅަށް ތެދުވުމަށް ހިތްވަރު ދިނުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.



