ހުޅުމާލޭގައި ހުންނަ ރަށު މާރުކޭޓުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިޔަ 15 ބިދޭސީއަކު އިއްޔެ ހަވީރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މިއީ އިމިގްރޭޝަނުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި ރެއިޑް އޮޕަރޭޝަނެކެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި، މި އޮޕަރޭޝަނުގައި ޖުމުލަ 37 ބިދޭސީއަކު ޗެކުކުރެވުނެވެ. އޭގެ ތެރެއިން ހިފެހެއްޓުނު 15 ބިދޭސީންގެ ތެރޭގައި 10 ފިރިހެނުންނާއި ފަސް އަންހެނުން ހިމެނެއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 5،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ. އަދި 151،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ ވެސް ވަނީ އެއްކުރެވިފައެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި، މި މަހުގެ ނިޔަލަށް ބަޔޯމެޓްރިކްސް ނުދީ އުޅޭ ބިދޭސީން ރާއްޖެއިން ޑީޕޯޓްކުރަން ފަށާނެއެވެ.



