ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ކުރިން، އެތަނުގައި ހަރުކުރެވިފައިވާ ޕެސެންޖަރ ބޯޑިންގ ބްރިޖްތަކަށް މުވައްޒަފުން ތަމްރީންކޮށްފި އެވެ.
ރާއްޖޭގެ އެއްވެސް އެއަރޕޯޓެއްގައި މިހާތަނަށް ބޭނުން ކޮށްފައިނުވާ ޕެސެންޖަރ ބޯޑިންގ ބްރިޖް ފުރަތަމަ ފަހަރަށް ބޭނުންކުރަން ފަށާނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލްގައެވެ. މި ބްރިޖްތަކަކީ މަތިންދާބޯޓުގެ ދޮރާއި ޓާމިނަލް ގުޅުވައިދޭ ބްރިޖްތަކެކެވެ.
މި ތަމްރީންތަކުގައި ބްރިޖްތަކުގެ އެލައިންމަންޓް، ޑޮކިންގ އެކިއުރަސީ އަދި އޮޕަރޭޝަނަލް ރެޑިނަސް ޓެސްޓްކޮށްފައިވެއެވެ. އަދި މިއީ އައު ޓާމިނަލް ހުޅުވުމުގެ ކުރިން ކުރަންޖެހޭ އެންމެ މުހިންމު އެއް ޓެސްޓުކަމަށް އެމްއޭސީއެލުން ބުނެފައިވެއެވެ.
ޕެސެންޖަރ ބޯޑިންގ ބްރިޖް ބޭނުންކުރުމުން ފަސިންޖަރުންނަށް މަތިންދާބޯޓަށް އަރައި ފޭބުމުގައި ލުއިފަސޭހަކަން ލިބި، ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެއެވެ. އަދި ވަގުތު ސަލާމަތްވެ، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަވެގެންދާނެއެވެ.
އައު ޓާމިނަލްގައި ޕެސެންޖަރ ބޯޑިންގ ބްރިޖް ބެހެއްޓުމަކީ ރާއްޖޭގެ އެވިއޭޝަން ދާއިރާއަށް އަންނަ ބޮޑު ކުރިއެރުމެއްކަމަށް އެމްއޭސީއެލުން ފާހަގަކޮށްފައިވެއެވެ. އަދި މިއީ ބައިނަލްއަގުވާމީ ފެންވަރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށްވެސް ބުނެފައިވެއެވެ.