ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލަން އުޅޭ ކަމަށް ބުނާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި، ހަނިމާދޫ އެއާޕޯޓު އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލުމުގެ މަޝްވަރާތަކެއް ކުރިކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވަމުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވެފައިވަނީ އެ އެއާޕޯޓު އެއްވެސް ބޭރުގެ ފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށް ދޭން ނުއުޅޭ ކަމަށެވެ.
ހަނިމާދޫ އެއާޕޯޓަކީ މިވަގުތު ރާއްޖޭގައި ހިންގާ އެންމެ ބޮޑެތި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން 2.7 ކިލޯމީޓަރުގެ އައު ރަންވޭއަކާއި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ އައު ޓާމިނަލެއް އަދި އެހެނިހެން ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މީގެކުރިން ފާހަގަކުރެއްވި ގޮތުގައި މަޝްރޫއުގެ 88 ޕަސެންޓަށް ވުރެ ގިނަ މަސައްކަތް ނިމިފައިވާއިރު، މުޅި މަޝްރޫއު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް ވަނީ ރޭވިފައެވެ.