ތެލަސީމިއާ ކުދިންނާއި މީހުންނަށް ޚިދުމަތް ފޯރުކޮށްދެމުން އަންނަ މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) އިން އާންމުންނަށް ފަސޭހައިން މަޢުލޫމާތު ސާފުކުރެވޭނެ ހޮޓްލައިން ނަންބަރެއް ތަޢާރަފުކޮށްފިއެވެ.
އެމްބީއެސްއިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ގޮތުގައި، މި ހޮޓްލައިން ނަންބަރަކީ 7333645 އެވެ. މި ނަންބަރު މެދުވެރިކޮށް އިދާރާ ހުޅުވިފައި ހުންނަ ގަޑިތަކުގައި މަޢުލޫމާތު ސާފުކުރެވޭނެ އެވެ. އަދި ވައިބަރ އަދި ވަޓްސްއެޕް މެދުވެރިކޮށްވެސް މަޢުލޫމާތު ސާފުކުރެވޭނެއެވެ.
ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، ޚާއްޞަކޮށް އަތޮޅުތަކުގެ ރަށްރަށުގައި ތިބި ކުދިންނަށް ބޭނުންވާ ލޭ އަދި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި މަސައްކަތުގެ ތެރެއިން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ތެލަސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖްހިޔާއަށް ބަދަލުކޮށް، މިހާރު ވަނީ ޚިދުމަތް ދޭން ފަށާފައެވެ.
އައު ސެންޓަރުގައި ޖެނެރަލް ވޯޑުގެ އިތުރުން އަންހެނުންނަށް ޚާއްޞަ ވޯޑަކާއި ކުޑަކުދިންނަށް ޚާއްޞަ ވޯޑެއް ޤާއިމުކޮށްފައިވެއެވެ. އަދި ލޭ ރައްކާކުރުމުގެ ޖާގަ 600 ޕައިންޓަށް އިތުރުކޮށް، އިތުރު ފަސް ނަރުހުންނާއި ހަ ލެބް ޓެކްނީޝަނުންނާއި ދާއިމީ ފިޒީޝަނެއް ހަމަޖައްސާފައިވެއެވެ.