ގުޅީފަޅުން “ބިންވެރިޔާ ސްކީމް” ގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން އައު “ބަންޑާރަ ގޯތީގެ އެއްބަސްވުން” އަދި “ބަންޑާރަ ގޯތީގެ ރަޖިސްޓްރީ” ދޫކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހައުސިންގ އިން ފަށައިފި އެވެ.
މިނިސްޓްރީން މިކަމާ ގުޅޭގޮތުން ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ގުޅީފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނާގެ ސަބަބުން ގޯތިތަކުގެ ލޮކޭޝަން ބަދަލުވެ، މޭ 30، 2025 ގައި އުސްފަސްގަނޑު ސަރަޙައްދުގައި ގުރުއަތުލުމެއް ބޭއްވުނެވެ. މި ބަދަލާ ގުޅިގެން ކުރިން ދޫކޮށްފައިވާ ރަޖިސްޓްރީތަކާއި އެއްބަސްވުންތައް ވަނީ ބާޠިލުވެފައިވާކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
އައު ރަޖިސްޓްރީއާއި އެއްބަސްވުމާ ޙަވާލުވުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމުގެ ފުރުޞަތު “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށް ޖުލައި 1 އިން ފެށިގެން ހުޅުވާލާފައިވާއިރު، އެއްބަސްވުންތަކާއި ރަޖިސްޓްރީތައް ދޫކުރުން ޖުލައި 7 ވާ ހޯމަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން ކުރިއަށްދާނެއެވެ.
މިނިސްޓްރީން އަންގާފައިވާ ގޮތުގައި، އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 5 މިނެޓް ފަހުން ޙާޟިރުވާ ފަރާތްތަކާއި، ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް ޙާޟިރުވާ ފަރާތްތަކުގެ އެޕޮއިންޓްމަންޓް ކެންސަލްކުރެވޭނެއެވެ. ނަމަވެސް އެފަދަ ފަރާތްތަކަށް އަލުން އެހެން ތާރީޚަކާއި ގަޑިއަކަށް އެޕޮއިންޓްމަންޓްއަށް އެދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.