މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަން ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މަސައްކަތު ބައްދަލުވުމެއް މާދަމާ މީރުމާގޭގައި ބޭއްވުމަށް ނިންމައިފިއެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމްކުރާ މި މަސައްކަތު ބައްދަލުވުން ކުރިއަށްދާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ފައްޓަވައިދެއްވާ މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.
ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށްދާ މި ބައްދަލުވުމުގެ ފުރަތަމަ ސެޝަންގައި އަލިއަޅުވާލާނީ ވޯކްޝޮޕްގެ މަޤްޞަދާއި، މުނިފޫހިފިލުވުމުގެ މަސްވެރިކަމާ ބެހޭގޮތުން މިހާރު ގެންގުޅޭ ވިސްނުމާއި، ޑޭޓާ ޑްރައިވަން މެނޭޖްމަންޓްގެ މުހިންމުކަމުގެ މައްޗަށެވެ.
އަދި ދެވަނަ ސެޝަންގައި މަޝްވަރާކުރެވޭނީ މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަންކުރާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، ސްޓޭކްހޯލްޑަރުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުންނެވެ.