ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއެރުވުމުގެ މަޤްޞަދުގައި، ރާއްޖޭގެ އުތުރުގެ 12 ރަށެއްގައި ގްރީންހައުސްތައް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. މިއީ ދަނޑުވެރިކަމާއި ދިރޭތަކެތީގެ ވުޒާރާއާއި އިފާޑް ގުޅިގެން ހިންގާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)ގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވުނު ގްރީންހައުސްތަކުގައި ކިއުކަމްބާ، މެލަން، މިރުސް އަދި ކެޕްސިކަމް ފަދަ ބާވަތްތައް އިންދައި ހެއްދުމުގެ ތަމްރީނު ޕްރޮގްރާމްތައް ދަނޑުވެރިކަމާއި ދިރޭތަކެތީގެ ވުޒާރާއިން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިހާތަނަށް 12 ރަށުގެ ތެރެއިން 11 ރަށެއްގައި ގްރީންހައުސްގެ ހަރަކާތްތައް ވަނީ ފަށާފައެވެ.
މި މަޝްރޫޢުގެ ދަށުން ގްރީންހައުސް ޤާއިމްކުރެވިފައިވާ ރަށްތަކުގެ ތެރޭގައި ހދ. މަކުނުދޫ، ހދ. ނޭކުރެންދޫ، ހދ. ނޮޅިވަރަމްފަރު، ހދ. ވައިކަރަދޫ، ހއ. ކެލާ، ހއ. އުލިގަމު، ހއ. މޮޅަދޫ، ހއ. ފިއްލަދޫ، ށ. ނަރުދޫ، ށ. ގޮއިދޫ އަދި ށ. ފޯކައިދޫ ހިމެނެއެވެ.
ގްރީންހައުސްތައް ޤާއިމްކޮށް، ދަނޑުވެރިން ޒަމާނީ ދަނޑުވެރިކަމަށް އަހުލުވެރި ކުރުވުމުގެ އިތުރުން، ދަނޑުވެރިކަމުގައި އިތުރަށް ކުރިއެރުމަށް ބޭނުންވާ އެކި ބާވަތުގެ ތަމްރީނު ޕްރޮގްރާމްތައްވެސް މެޕްގެ ފަރާތުން ދަނޑުވެރިންނަށް ފޯރުކޮށްދެމުން ގެންދެއެވެ.



