ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރާއްޖެ 2.0 މަޝްރޫޢުގެ ދަށުން ޞިއްޙީ ދާއިރާއަށް އަންނާނީ އިންޤިލާބީ ބަދަލުތަކެއް ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ފާހަގަކުރެއްވި ގޮތުގައި، ރާއްޖެ 2.0 މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ތަރައްޤީކުރެވޭ ދާއިރާތަކުގެ ތެރޭގައި ޞިއްޙީ ދާއިރާ ހިމެނެއެވެ. އަދި މި މަޝްރޫޢާއެކު ރާއްޖޭގެ ޞިއްޙީ ދާއިރާ ޒަމާނީ ޓެކްނޮލޮޖީއާ ގުޅިލާމެހިގެންދާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
ޞިއްޙީ ދާއިރާއަށް މި ގެނެވޭ ބަދަލުތަކަކީ ކޮންމެ ރައްޔިތަކަށް އެ މީހެއްގެ ޞިއްޙަތާމެދު އިތުރު އިތުބާރާއި ޔަޤީންކަން ލިބިގެންދާނެ ކަމެއް ކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޓެލެމެޑިސިންގެ ޚިދުމަތާއި އެންޑޯމެޓްރިއޯސިސްގެ ޚިދުމަތް ވަނީ ތަޢާރަފުކޮށްފައެވެ.



