ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޓެލެމެޑިސިންގެ ޚިދުމަތާއި އެންޑޯމެޓްރިއޯސިސް ޚިދުމަތް އިފްތިތާޙު ކޮށްފިއެވެ. މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ، ސަރުކާރުގެ 2.0 މަޝްރޫޢުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ޞިއްޙީ ދާއިރާ ހިމެނޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޞިއްޙީ ދާއިރާއަށް އުއްމީދީ އަދި އިންޤިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި ޚިދުމަތްތަކުގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކެއް ވެސް ވަނީ ޤާއިމްކޮށްފައެވެ. މި ރަސްމިއްޔާތުގައި ހޮސްޕިޓަލަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވާފައިވާ ފަރާތްތަކަށް ހަނދާނީ ފިލާ ދިނުމާއެކު، މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެވޯޑް ހަވާލުކުރެވުނެވެ.
އެންޑޯމެޓްރިއޯސިސްއަކީ އަންހެނުން ތަހަންމަލްކުރާ ބައްޔެކެވެ. މި ބަލީގެ ސަބަބުން ބަނޑުގައި ރިއްސުމާއި ދަރިމައިވުމުގައި ގޮންޖެހުންތައް ކުރިމަތިވެއެވެ. މި ބަލީގައި ދިމާވާ އެންމެ ނުރައްކާތެރި ކަމަކީ ރަހިމުގައި ހުންނަ ޓިޝޫ ރަހިމުން ބޭރުގައި އުފެދުމެވެ. މި ބައްޔަށް ދާއިމީ ޝިފާއެއް ނުވާއިރު، ބަލީގެ އުނދަގޫތަކުން ސަލާމަތްވުމަށް އޮޕަރޭޝަންތަކެއް ކުރަންޖެހޭ ފަހަރު ދިމާވެއެވެ.



