މަސްވެރިންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންގެ ތެރެއިން 36 މަސްވެރިއަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސްޕޯޓްސް ފިޝިންގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވި މަސައްކަތު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން 30 މިލިއަން ރުފިޔާގެ ލޯނު ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 62 މަސްވެރިއެއްގެ އެޕްލިކޭޝަން ލިބިފައިވާއިރު، އޭގެ ތެރެއިން 36 މަސްވެރިއަކަށް މާލީ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.
މަސްވެރިން މި ލޯނު ނަގަނީ މައިގަނޑު ގޮތެއްގައި މަސްވެރިކަން ކުރާ އުޅަނދުފަހަރު މަރާމާތު ކުރުމަށާއި، މަސްވެރިކަމުގައި ބޭނުން ކުރާ ސާމާނު ގަތުމަށާއި، މަސްވެރިކަމާ ގުޅުން ހުރި އެހެނިހެން މަސައްކަތްތަކަށް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މަސްވެރިންނަށް ޕާސަނަލް ފައިނޭންސިންގ، ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުން ފަދަ ކަންކަމަށް ލޯނު ލިބެން ފެށުމުން މަސްވެރި ސިނާއަތް އިތުރަށް ކުރިއަރައިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ކަނޑައަޅައި، ލޯނު ލިބޭނެ މަގު ފަހިކޮށްދީފައިވަނީ މިދިޔަ އޭޕްރީލް 28 ގައެވެ.



