ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސްކޭމްގެ 50 މައްސަލަ ހުށަހެޅިފައިވާކަމަށް އެ ސެންޓަރުން މިއަދު ހާމަކޮށްފިއެވެ. މި މައްސަލަތަކުގެ ތެރޭގައި އީކޮމާސް، ކަރަންސީ އެކްސްޗޭންޖް އަދި އިންޕަރސަނޭޝަންގެ މައްސަލަތައް ހިމެނެއެވެ.
ފުލުހުން ހާމަކުރިގޮތުގައި ޖޫން 29 އިން ޖުލައި 5 އާ ދެމެދު ހުށަހެޅުނު މައްސަލަތަކުގައި 416،879.42 ރުފިޔާ ގެއްލިފައިވާއިރު، އޭގެ ތެރެއިން 27 އިންސައްތަ ކަމަށްވާ 114،276.42 ރުފިޔާ ވަނީ އަނބުރާ ހޯދިފައެވެ. މި މައްސަލަތަކުގެ ތެރޭގައި އީކޮމާސްގެ 29 މައްސަލައާއި، ކަރަންސީ އެކްސްޗޭންޖްގެ 9 މައްސަލަ ހިމެނެއެވެ.
ފުލުހުން ބުނިގޮތުގައި ސްކޭމްކުރުމަށް ބޭނުންކޮށްފައިވަނީ ފޯންކޯލް، އައިބޭ، އޮންލައިން މެސެޖިންގ ޕްލެޓްފޯމްތަކާއި ފިޝިންގ ލިންކްގެ އިތުރުން ފޭސްބުކް މާކެޓްޕްލޭސްއެވެ. މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށް އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން ސައްހަ މަޢުލޫމާތު ހޯދުމަށް ފުލުހުން އިރުޝާދު ދެއެވެ.
މީގެއިތުރުން ސްކޭމްގެ މައްސަލަތައް ރިޕޯޓްކުރުމަށް 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 އެކްސްޓެންޝަން 2020 އަށް ގުޅުމަށް ފުލުހުން އެދިފައިވެއެވެ. އަދި މިފަދަ މައްސަލައެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކޮށް އެންމެހައި މުޢާމަލާތުގެ ތަފްސީލާއެކު ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.



