ރާއްޖޭގެ ލައިބްރަރީ ދުވަހާ ދިމާކޮށް ރޭ މާލޭ ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ހެދި “އިސްލާމީ ކުތުބުޚާނާ” ހުޅުވައިފިއެވެ. މި ލައިބްރަރީ ހުޅުއްވައިދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމެވެ.
ލައިބްރަރީ ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ދިވެހި އަދީބުން އެ ބޭފުޅުންގެ އަގުހުރި ފޮތްތައް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ދައުވަތު ދެއްވާފައެވެ. އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ލައިބްރަރީގައި 15،000 އަށް ވުރެ ގިނަ ފޮތް ހުންނާނެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްގެ ދަށުން މާލެ އާއި ރަށްރަށުގެ އިސްލާމީ މަރުކަޒުތަކުގައި ލައިބްރަރީ ހެދުމުގެ މަޝްރޫއުގެ ދަށުން ހުޅުވި މި ލައިބްރަރީއަކީ އިސްލާމީ އިލްމު ހާސިލުކުރަން ބޭނުންވާ އަދި ދިރާސާތައް ކުރުމަށް ބޭނުންވާ މީހުންނަށް ވަރަށް ބޭނުންތެރި ތަނަކަށް ވާނެ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.
އިސްލާމިކް މިނިސްޓްރީން އިތުރަށް ހާމަކުރެއްވި ގޮތުގައި ރާއްޖޭގެ އެކި ރަށްރަށުގައި ހުރި އިސްލާމީ މަރުކަޒުތަކުގައި ހަދަން ނިންމާފައިވާ ލައިބްރަރީތަކަށް ބޭރުގެ ޔުނިވާސިޓީއަކުން 60،000 ފޮތް ހަދިޔާކުރަން ނިންމާފައިވާ ކަމަށާއި، އެ ގައުމާއި ޔުނިވާސިޓީގެ ނަން ފަހުން އާންމުކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.



