ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓު ލިބޭ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަންނަ ހަފްތާ ތެރޭގައި ފެށޭނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރޭ ކުރިއަށްދިޔަ “އަހާ ފޯރަމް” ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ފްލެޓު އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހާއެކު ކުރިއަށްދާ ކަމަށާއި، އެއްބަސްވުމުގައި ސޮއިކުރުމަށް ބޭނުންވާ އެންމެހާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ކުރަމުންދާ ކަމަށެވެ.
ފްލެޓު އެއްބަސްވުމުގައި ސޮއިކުރުން ލަސްވަމުންދާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިއީ ރައްޔިތުންނާ ސީދާ ގުޅުންހުރި ކަމަކަށްވާތީ، ހަމަ އޮފީހަށް ގެނެސްގެން ސޮއިކުރެވޭނެ ކަމެއް ނޫން ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ 4،000 ފްލެޓުގެ ތެރެއިން 2،000 ފްލެޓު އަޅަމުންދަނީ އެމްބީސީސީ އިންޑިއާއިންނެވެ. އޭގެ 96 ޕަސެންޓް މަސައްކަތް ނިމިފައިވާއިރު، އަނެއް 2،000 ފްލެޓު އަޅަމުންދާ އިންޑިއާގެ ކޭޕީއައިއެލްގެ މަސައްކަތުގެ 95 ޕަސެންޓް ވަނީ ނިމިފައެވެ.



