ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގެ ވައުދުފުޅެއް ކަމަށްވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 595,000 ގަސް އިންދާފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ސިލްސިލާކޮށް ބާއްވަމުންދާ 6 ވަނަ “އަހާ” ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠާރިޤް ވިދާޅުވީ، މި ގައުމީ މަޝްރޫޢުގައި ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކާއި، ކައުންސިލްތަކާއި އަދި ރިސޯޓުތައް ފަދަ ތަފާތު ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ އަމާޒަކީ ޖުމްލަ 6.5 މިލިއަން ގަސް އިންދުން ކަމަށާއި، މިހާރު ކުރިއަށްދަނީ މަޝްރޫޢުގައި ބައިވެރިވާ ފަރާތްތަކާއެކު ގަސް އިންދާނެ ތާރީޚުތައް ކަނޑައެޅުމުގެ މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރ ޠާރިޤް އިތުރަށް ވިދާޅުވީ، މިހާރު އިންދާފައިވާ ގަސްތަކުގެ މަޢުލޫމާތު ފަސޭހައިން ލިބޭނެ ނިޒާމެއް ޤާއިމްކުރެވެމުންދާ ކަމަށާއި، މަޝްރޫޢު އިތުރަށް ހަލުވިކުރުމަށް 50,000 އަކަފޫޓުގެ ބޮޑު ނާސަރީއެއް ޤާއިމްކުރުމަށް ޗައިނާ ސަރުކާރާއެކު މަސައްކަތްތަކެއް ކުރިއަށްދާ ކަމަށެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއިން ނެތެމުންދާ 90 ވައްތަރުގެ ގަސްތައް އަލުން އާލާކުރުން ކަމަށާއި، މިއީ މުޅި ޤައުމުގެ މަޝްރޫޢެއްގެ ގޮތުގައި ކުރިއަށްގެންދެވޭ މަސައްކަތެއް ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.



