ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ޑޮލަރު ސަޕޯޓު ދޭން ފެށުމާއެކު، ކުރިއަށް އޮތް ތަނުގައި ޑޮލަރުގެ އަގު ތިރިވެ، އިޤްތިޞާދީ ހާލަތު ރަނގަޅުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ނަސީމް ފާހަގަކުރެއްވި ގޮތުގައި، ބޭންކުން ވިދިވިދިގެން ދެތިން މަސް ދުވަހު ޑޮލަރު ސަޕޯޓު ދިނުމުން، ބްލެކް މާކެޓުގައި ޑޮލަރުގެ އަގު މައްޗަށް ޖެއްސުމުގެ ފުރުސަތު ގެއްލިގެންދާނެއެވެ.
ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ވިޔަފާރިތަކުގެ ޓީޓީ މުއާމަލާތްތަކަށް 30 ޕަސެންޓާ ހަމައަށް ޑޮލަރު ސަޕޯޓު ދޭން ފަށާފައެވެ. މި ނިންމުމާ ގުޅިގެން މެންބަރު ނަސީމް ވިދާޅުވީ، ކުރިން ޑޮލަރު ވިއްކަމުން އައި ފަރާތްތަކުން މިހާރު ޑޮލަރު ވިއްކަން އުޅުނު ނަމަވެސް، ބޭންކުން ސަޕޯޓު ދޭން ފެށުމާއެކު އެ ޑޮލަރުތަކަށް ބޭނުމެއް ނުޖެހޭނެ ކަމަށެވެ.
“އިރާދަކުރެއްވިއްޔާ ޑޮލަރުގެ ރޭޓު ތިރިވެ، އިޤްތިޞާދީ ގޮތުން ރާއްޖެ ރަނގަޅު ދުވަސްވަރެއް ދެކޭނެ،” މެންބަރު ނަސީމް ވިދާޅުވިއެވެ.



