ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގައި ހުންނެވި ނިއުމާތު ޝަފީގުގެ މަގާމުގެ މުއްދަތު އިތުރު ފަސް އަހަރަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މިކަން ފާސްކޮށްފައިވަނީ މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވި 50 މެންބަރުންގެ އިއްތިފާގުންނެވެ.
ނިއުމާތު ޝަފީގު އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކުރެވުނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އޭނާގެ މި ދައުރު މިމަހު ހަމަވުމާ ގުޅިގެން، އިތުރު ފަސް އަހަރުގެ ދައުރަކަށް އައްޔަންކުރުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އޮމްބަޑްސްޕާސަންގެ މަގާމުގެ ދައުރު އިތުރު ފަސް އަހަރަށް އިތުރުކުރުމުގެ އިޚްތިޔާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ.



