އެމްއެންޑީއެފްގެ އެއާ ކޯ ނުވަތަ ދިވެހި ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ އެއާ ސްޓޭޝަން، އައްޑޫ ގަމުގައި ގާއިމުކޮށް، އެތަން ހުޅުވައިފި އެވެ.
ގަން އެއާ ސްޓޭޝަންގެ ނަމުން ނަން ދެވިފައިވާ މި ވައިގެ މަރުކަޒު އިފްތިތާޙުކޮށްދެއްވީ އައްޑޫއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިދިޔަ ހޯމަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުގެ ދަށުން ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރާއި އިހުތިޔާރުގެ ދަށުން އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ ސްޓޭޝަންގެ އޮޕަރޭޝަން ފެށުމަށް އަންގަވައިފަ އެވެ.
އެމްއެންޑީއެފުން ބުނީ މި ވައިގެ މަރުކަޒުގައި 400 މީޓަރުގެ ޓެކްސީވޭއަކާއި 100 މީޓަރުގެ އެޕްރަންއަކާއި ޒަމާނީ ޓެކްނިކަލް ވަސީލަތްތަކާއެކު ސިފައިންގެ އެކޮމޮޑޭޝަން ބްލޮކެއް ގާއިމްކޮށްފައިވާނެ ކަމަށެވެ.
އެމްއެންޑީއެފްގެ އެއާކޯގެ ޓީވީޓޫ އެއާ ކްރާފްޓްތައް އުދުހުމަށް ހާއްސަކޮށްފައިވާ އެއާ ސްކޮޑްރަން 2 އެ ވައިގެ މަރުކަޒު ފަރުމާކޮށްފައިވަނީ ކުރިމަގުގައި ސިފައިންގެ ބާރު ފުޅާވަމުންދާ މިންވަރަކަށް ތަރައްގީ ކުރެވޭނެ ގޮތަށް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ވައިގެ މަރުކަޒެއް ގާއިމުކޮށްފައިވަނީ ދިވެހީންގެ ދީނާއި ދިވެހީންގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ވައިގެ ސަރަޙައްދާއި، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށާއި، ރާއްޖޭގެ ސަރަޙައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށް ނިންމާފަ އެވެ.
ދިވެހި ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ އެއާ ސްޓޭޝަންހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިގްތިސާދު ހަރުދަނާކޮށް، ތަރައްގީ ހާސިލުކުރެވޭ ވަރުގަދަ ގައުމަކަށް ރާއްޖެ ހެދުމުގައި އަސްކަރިއްޔާގެ ބާރު ވަރުގަދަ ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.
އަދި ސިފައިންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އިތުރު ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ކޯސްޓްގާޑުގެ ފްލީޓް ދެގުނަ ބޮޑު ކުރުމަށް ކަނޑައެޅި ސިޔާސަތުގެ ދަށުން ކާމިޔާބު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ސިފައިންގެ މެރިން ކޯގެ ކެޕޭސިޓީ އިތުރު ކުރުމަށް ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ވެސް ބައެއް ކަންކަން ހާސިލުކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެއިތުރުން ރާއްޖޭގެ އުތުރުން ށ. ފުނަދޫގައި ވެސް ވައިގެ ސްޓޭޝަނެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ގެންދާކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ އެތަނުގެ މަސައްކަތް ވެސް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދާ ކަމަށެވެ.



