ތުރުކީގެ އަސްކަރީ ވައިގެ އުޅަނދެއް ވެއްޓުނު ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާނަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް މުޢިއްޒު ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރެއްވި މެސެޖެއްގައި، ތުރުކީގެ ރައްޔިތުންނަށާއި، ޚާއްސަކޮށް މި ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ވަނީ އިޚުލާސްތެރިކަމާއެކު ތައުޒިޔާ އަދާކުރައްވާފައެވެ. އަދި ރައީސް މުޢިއްޒު ވަނީ މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ތުރުކީއާއެކުގައިކަން ހާމަކުރައްވާފައެވެ.
ތުރުކީގެ މި އަސްކަރީ ވައިގެ އުޅަނދު ވެއްޓިފައިވަނީ ޖޯޖިއާ އާއި އަޒަރުބައިޖާންގެ ބޯޑަރު ކައިރިންނެވެ. ރިޕޯޓުތައް ބުނާގޮތުން އެ އުޅަނދުގައި 20 މީހުން ދަތުރުކުރި ކަމަށް ލަފާކުރެވޭއިރު، އޭގެ ތެރެއިން ބައެއް މީހުން އަދިވެސް ނުފެނެއެވެ. ސަރޗް އެންޑް ރެސްކިއު ޓީމުތަކުން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ރައީސް ވަނީ އެ މަސައްކަތުގެ ކާމިޔާބީއަށްވެސް އެދިވަޑައިގެންފައެވެ.



