ތައިލޭންޑްގައި އުފައްދާފައިވާ ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލް އެކުލެވިފައިވާ ކަން ފާހަގަކުރެވިގެން، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ. މިގޮތުން ސަމާލުވާންޖެހޭ ކަމަށް އެ އޮތޯރިޓީން ބުނި ތިން ބޭހަކީ މެޓްފޯމިން ހައިޑްރޮކްލޮރައިޑް، ރެނިޓިޑީން އަދި ވިޓަމިން އޭ ޔޫއެސްޕީ 200،000 އައިޔޫ އެވެ.
އެމްއެފްޑީއޭ އިން ހާމަކުރެއްވި ގޮތުގައި، ތައިލޭންޑުގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީ ކަމަށްވާ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ކުރި ތަހުލީލުތަކުން ވަނީ ބައެއް ބޭސްތަކުގައި ނުރައްކާތެރި ކެމިކަލެއް ކަމަށްވާ އެންޑީއެމްއޭ (NDMA) ހުންނަން ޖެހޭ މިންގަނޑަށްވުރެ އިތުރަށް ހުރިކަން ފާހަގަވެފަ އެވެ. މި މައުލޫމާތު ސައުތު އީސްޓް އޭޝިއާ ރީޖަން ނެޓްވޯކް (SEARN) މެދުވެރިކޮށް އެމްއެފްޑީއޭ އަށް ލިބިފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ. އެހެންނަމަވެސް، ރާއްޖެއަށް ބޭސް އިމްޕޯޓް ކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން މި ބްރޭންޑްތަކުގެ ބޭސް ރާއްޖެއަށް އެތެރެކޮށްފައި ނުވާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.
ނަމަވެސް، ތައިލޭންޑަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ދަތުރުކުރާ ގައުމަކަށް ވާތީ، އަދި ބައެއް ފަހަރު އަމިއްލަ ބޭނުމަށް ބޭސް ރާއްޖެއަށް އެތެރެކުރާކަން ފާހަގަކުރެވޭތީ، އެފަދަ ބޭސްތައް ގަތުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށް އެމްއެފްޑީއޭ އިން އިލްތިމާސްކޮށްފައިވެ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގެ ޕޯޓްތަކުން އެތެރެކުރާ ބޭސްތައް ހާއްސަ ސަމާލުކަމެއް ދީގެން ބަލައި ފާސްކުރަމުންދާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެ އެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ބޭނުންވާ ފަރާތްތަކަށް އެމްއެފްޑީއޭގެ ހޮޓްލައިން ނަމްބަރު 7200321 އަށް ގުޅުއްވުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.



