ށ. ފުނަދޫއިން ފީވަކަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވެ، އެ ދޯނި އަޑިއަށް ދާކަމުގެ މައުލޫމާތު ލިބުމާއެކު ފުލުހުން ހަރަކާތްތެރިވެ، ދަތުރުކުރި މީހާ ސަލާމަތްކޮށްފި އެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 11:50 ހާއިރު އެވެ.
އަދި މި މައުލޫމާތު ލިބުމާއެކު ފުލުހުން ލޯންޗު އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފެށިކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ދޯނީގަިއ ދަތުރުކުރި މީހާ ފުލުހުންނަށް ފެނިފައިވަނީ ހޯދަމުންދަނިކޮށް ފީވަކާ ކައިރި ކަނޑުތެރެއިންނެވެ. އެއީ 68 އަހަރުގެ ފިރިހެނެއް ކަމަށާއި، އެމީހާ ސަލާމަތްކޮށް، ފުލުހުންގެ ލޯންޗުގައި ފީވަކަށް ގެންގޮސްފަ އިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މިހާރު އެމީހާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުންވަނީ ދޯނީގައި ދަތުރުކޮށްފައިވަނީ އެމީހާ އެކަނިކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ބުނެފައެވެ. ދޯނި ދިޔަވުމުގެ ސަބަބުން ދޯނީގެ ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.



