މާލޭގައި ހުއްދަ ނަގައިގެން ހިންގާ ވިޔަފާރިތަކުގެ ނަމުގައި ފާހިޝް އަމަލުތައް ހިންގަމުންދިޔަ 96 މަސާޖު ޕާލާއެއް މިހާތަނަށް ބަންދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި މަހުގެ 9 ވަނަ ދުވަހު ފެށި ހާއްސަ އޮޕަރޭޝަނެއްގެ ދަށުން މިހާތަނަށް ގިނަ އަދަދެއްގެ ތަންތަން ބަންދުކުރެވިފައިވަނީ ވިޔަފާރީގެ ނަމުގައި ހިންގަމުންދިޔަ ނުރަނގަޅު އަމަލުތައް ހުއްޓުވުމަށެވެ. އެފަދަ ތަންތަން މުޖުތަމައުގައި ހިނގަމުންދަނީ އެ ތަންތަނުގެ ބޭނުން ހިފާނެ ބަޔަކު ތިބުމުން ކަމަށާއި، އެއީ ހިތާމައާއެކު ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
“މުޖުތަމައުން ފާހިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކުރެވޭނީ، މުޖުމަތައުގެ ހާލަތު ބަދަލު ކުރެވޭނީ، އާއްމު ރައްޔިތުންނާއި އެންމެހާ ފަރާތްތަކެއްގެ ނިޔަތާއި އަމަލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން، އެންމެންގެ ހިޔާލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން” މުޖުތަމައުގެ ހާލަތު ބަދަލުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވެއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ މުޖުތަމައުގައި ހިނގާ އެންމެހާ މުންކަރާތްތަކާއި ފާހިޝް އަމަލުތަކަށް “ނޫނެކޭ” ބުނާ ބަޔަކަށް ދިވެހި ރައްޔިތުން ވުމަށް އިލްތިމާސް ކުރައްވަމުންނެވެ. މި އޮޕަރޭޝަނަކީ މާލޭގެ އަމާންކަމާއި އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.



