ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދަތިވާ ފަރާތްތަކަށް ފައިސާއިން ޒަކާތް ދެއްކުމުގެ އިންތިޒާމު ފަހިކޮށްދިނުމަށްޓަކައި “ފިޠުރު ޕޯޓަލް” ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ތަޢާރުފުކޮށްފިއެވެ. މި ޕޯޓަލްގެ މައިގަނޑު ބޭނުމަކީ ރަށު ކައުންސިލުތަކާއި ޒަކާތު ހައުސް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެއް އުޞޫލަކުން އެ މަސައްކަތް ކުރިއަށް ގެންދިއުމެވެ.
ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި، މި ޕޯޓަލް މެދުވެރިކޮށް ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ ހުރިހާ މުޢާމަލާތްތައް ވަގުތުން ބެލުމުގެ ފުރުޞަތު އެ އިދާރާއަށް ލިބިގެންދާނެއެވެ. މީގެ ސަބަބުން އޮންލައިން ޕްލެޓްފޯމްތަކާއި ނަގުދު ފައިސާ މެދުވެރިކޮށް ލިބޭ ފިޠުރު ޒަކާތުގެ ޞައްޙަ ޖުމްލަ ޢަދަދުތައް ކޮންމެ ދުވަހަކުވެސް ކަށަވަރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
މި އައު ނިޒާމުގެ ސަބަބުން އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ ގޮތަށް، ރަމަޟާން މަސް ނިމުމުގެ ކުރިން ލަސްނުކޮށް ޒަކާތް ބެހުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެއެވެ. ޚާއްޞަކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، ފިޠުރު ޒަކާތް ލިބުން ޙައްޤުވާ ފަރާތްތަކަށް އަވަސްކަމާއި ހަމަހަމަކަމާއެކު ޒަކާތް ފޯރުކޮށްދިނުމަށް މިކަމުގެ ސަބަބުން މަގުފަހިވާނެ ކަމަށް ޒަކާތު ހައުސްއިން ފާހަގަކުރެއެވެ.
ޒަކާތު ހައުސްގެ އަމާޒަކީ މިފަދަ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ޒަކާތުގެ ނިޒާމަކީ ދެފުށް ފެންނަ، އިތުބާރު ހުރި ނިޒާމަކަށް ހެދުމެވެ. މި ޕޯޓަލްއާއެކު ކައުންސިލްތަކުން ޒަކާތް ބަލައިގަތުމުގައި ދިމާވާ އިދާރީ ދަތިތަކަށް ޙައްލެއް ލިބި، މުޅި ރާއްޖޭގައި އެއް މިންގަނޑަކުން ޒަކާތުގެ ކަންކަން ބެލެހެއްޓިގެންދާނެއެވެ.



