އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އިންތިހާބުތަކުގައި ޖުމްލަ 294,876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. މީގެ ތެރޭގައި ހިމެނެނީ 144,506 އަންހެނުންނާއި 150,370 ފިރިހެނުންނެވެ.
ކޮމިޝަނުން ވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު، އެ މީހަކު ވޯޓުލާންޖެހޭ ދާއިރާ އެނގޭނެހެން އެ ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ. ވެބްސައިޓުގެ އިތުރުން، ކުރު މެސެޖު މެދުވެރިކޮށް ވެސް ލިސްޓުގައި ނަން އޮތްތޯ ބެލުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. އެގޮތުން 141 އަށް VR (space) ID Number ޖެއްސެވުމަށްފަހު މެސެޖު ކުރެއްވުމުން ވޯޓުލެވޭ ތަނުގެ މައުލޫމާތު ލިބިގެންދާނެއެވެ.
މި އިންތިހާބުތަކުގެ ތަފްސީލަށް ބަލާއިރު، ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްލަ 1,592 ކެންޑިޑޭޓުން ވާދަކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 1,368 ކެންޑިޑޭޓުން ވާދަކުރެއެވެ.
އަންނަ މަހުގެ 4 ގައި ބާއްވާ މި ވޯޓަކީ އިންތިހާބުތަކުގެ އިތުރުން، ރާއްޖޭގެ އިންތިހާބީ ނިޒާމަށް ބޮޑު ބަދަލެއް ގެނައުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ މުހިންމު ވޯޓެއްކަން ފާހަގަކުރެވެއެވެ.



