މެދުއިރުމަތީގެ ހަމަނުޖެހުމާއެކު ދިވެހިރާއްޖޭއަށް ތެލާ ގޭހުގެ އެއްވެސް ދަތިކަމެއް އަދި ނެތްކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިހާލަތުގައި ފިނޭންސް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ތެލާއި، ކާޑު އަދި ބޭސް މެދުކެނޑުމެއްނެތި އެތެރެކުރުމަށް ކުރަން ޖެހޭ އިންތިޒާމުތައް ހަމަޖެއްސުމާއި، ބޭރުގަ ކިޔަވަންތިބި ކުދިންނަށް ދޭން ޖެހޭ ފައިސާގެ ކަންކަން ހަމަޖެއްސުމަށް އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި ރިޒާވް މެއިންޓެއިންކޮށް ބެލެހެއްޓުމާއި، ރެވެނިއު އިމްޕެކްޓް ކުރާވަރު ދެނެގަނެ، މިއާއެކު ފިސްކަލް ޓްރެޖެކްޓަރީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް، އެމްއެމްއޭ، ފިނޭސް މިނިސްޓްރީ އަދި މީރާ ގުޅިގެން ޓެކްނިކަލް ކޮމިޓީއެއް އުފައްދައިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް މިނިސްޓަރު މޫސާ ޒަމީރު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ތެލާއި ގޭހުގެ ކަންކަމަށް ރިއާޔަތްކޮށް، ތެލުގެ އަގު މައްޗަށް ދިޔަނަމަވެސް ރާއްޖޭގައި ތެލާއި ގޭހުގެ އެއްވެސް ދަތިކަމެއް ނެތްކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގުޅިގެން ޓެކްނިކަލް ލެވަލްގައި ކޮމެޓީއެއް އުފައްދައިގެން، ހަނގުރާމައިގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް އަންނާނެ ލޮޅުންތައް ދިރާސާކޮށް ބަލަމުންދާ ކަމަށެވެ.
ރާއްޖެ އަންނަ ގިނަ ޓޫރިސްޓުންނަކީ މެދުއިރުމަތީގެ ގައުމުތަކުގައި ޓްރާންސިޓްވެފައި އަންނަ ޓޫރިސްޓުންނަށް ވުމާއެކު، އެ ހަނގުރާމައިގެ ސަބަބުން ރާޢްޖޭގެ އާމްދަނީއަށާއި އިގުތިސާދަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ތެޔޮ އިމްޕޯޓްކުރުމަށް ސަރުކާރުން އެސްޓީއޯއަށް ދޭ ސަބްސިޑީގެ އިތުރުން އެ ކުންފުނި މެދުވެރިކޮށް ސަރުކާރަށް ލިބޭ ފައިދާގެ ތެރެއިން ބައެއް ތެލަށް އިތުރަށް ކްރޮސް ސަބްސިޑައިޒްކުރަން ނިންމާފައިވާ ކަމަށެވެ.



