އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި މިރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކު މަރުވެ، ބައެއް މީހުންނަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
މި ހާދިސާގައި ޖުމްލަ އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްޙީ މަރުކަޒުގައި ވަނީ ފަރުވާ ދީފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިރޭ ދަމުން 2:00 އެހައިކަންހާއިރު އެވެ. އަދި މިހާރު ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓުކޮށްފައިވެއެވެ. މި ދެ މީހުންގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހިފައިވާތީ، އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ މާލެއަށް ބަދަލުކޮށްފައެވެ.
މި ހާދިސާގެ ތަހުގީގު ހިންގުމަށްޓަކައި މާލެއިން ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޓީމުގައި މެޑިކަލް ޑޮކްޓަރެއްވެސް ހިމެނޭއިރު، ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުންނެވެ.



