ކޮންމެ މީހަކީވެސް މުޖުތަމައުގައި ބަލައިގަންނަ، އަދި އަގުވަޒަންކުރެވޭ ފަރާތަކަށް ހެދުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.
ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހާ ގުޅިގެން “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައު ފަސްޓް ލޭޑީ ވަނީ ދިރިއުޅުމުގެ ތަޖުރިބާތައް ކޮންމެ މީހަކަށް ތަފާތުވުމަކީ ބަލިކަށިކަމެއް ނޫންކަން ފާހަގަކުރައްވާފައެވެ. އަދި އެއީ ދުނިޔޭގެ ރީތިކަން ބިނާވެފައިވާ އެއް އަސާސްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކަށް މުޖުތަމައުގެ ތެރެއިން އެކަހެރިކަމާއި އެކަނިވެރިކަން ކުރިމަތިވި ނަމަވެސް، އެފަރާތްތަކަކީ ލޯތްބާއި، އޯގާތެރިކަން އަދި ކެތްތެރިކަމުގެ ނަމޫނާއެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
“މިއަދާއި ކޮންމެ ދުވަހަކުވެސް، އަޅުގަނޑުމެންގެ ޒިންމާއަކީ އެކަކު އަނެކަކަށް ކުރާ އިހުތިރާމް އިތުރުކޮށް، އެއްވެސް މީހަކީ ބާކީވެފައިވާ މީހެއް ކަމަށް އިހުސާސް ނުވާނެ ފަދަ މުޖުތަމައެއް ބިނާކުރުން،” ފަސްޓް ލޭޑީ ވިދާޅުވިއެވެ.
މީގެ އިތުރުން، މުޖުތަމައުގެ ތެރޭގައި ހިމެނިގެންވުމަކީ ވަކި ބަޔަކަށް ލިބިފައިވާ އިމްތިޔާޒެއް ނޫން ކަމަށާއި، އެއީ ކޮންމެ އިންސާނަކަށްމެ ލިބިގެންވާ ހައްގެއްކަން އެކަމަނާގެ މެސެޖުގައި ވަނީ ހަނދާންކޮށްދެއްވާފައެވެ. އެހެންކަމުން، އެންމެންނަށް ހަމަހަމަ ފުރުސަތުތައް ލިބޭ، ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް އެކަމަނާ ވަނީ ބާރުއަޅުއްވާފައެވެ.
ކޮންމެ އަހަރެއްގެ މާޗް މަހުގެ 21 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ ޑައުން ސިންޑްރޯމް ދުވަހުގެ ޝިއާރަކީ “އެކަނިވެރިކަމާ ދެކޮޅަށް އެކުގައި” އެވެ.



