ގައުމެއްގެ އަމިއްލަވަންތަކަން ދެމިއޮންނާނީ އެ ބައެއްގެ މާޒީ އެނގިގެންކަމަށް ފަންނާއި، ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ހީނާ މިފަދައިން ވިދާޅުވީ ދިވެހިބަހުގެ އެކަޑަމީއިން އިންތިޒާމު ކޮށްގެން މި މަހުގެ 10އިން 21 އަށް ކުރިއަށް ގެންދެވި ދިވެސްއަކުރު ދަސްކޮށްދިނުމުގެ ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތު އޮތީ ޤައުމީ ދާރުލްއާސާރުގައެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މިއީ ހަމައެކަނި ކޯހެއް ނޫން ކަމަށާއި ގަރުނުތަކެއްގެ ފަހަތަށް އަޅުގަނޑުމެންގެ ކާބަފައިންގެ އަޑާއި، ވިސްނުމާއި، ދިވެހިވަންތަކަމުގެ އަސްލާ ހަމައަށް ދަތުރުކުރުމަށް ހުޅުވައި ދެވޭ ދޮރާއްޓެއް ކަމަށެވެ.
“ކުރިއަރަމުންދާ މި ޒަމާނުގައި ރާއްޖޭގެ ތަރިކަ ދިރުވައި އަންނަން އޮތް ޖީލުތަކަށް އެ މައުލޫމަތު ސައްހަކަމާ އެކު ފޯރުކޮށްދިނުމަށް މިއަދު ތިޔަ ކުދީންނަށް މި ހުޅުވުނީ ފަހި ފުރުސަތެއް” ވަޒީރު ވިދާޅުވިއެވެ.
ޖުމްލަ 26 ބައިވެރިން މި ކޯސް ފުރިހަމަކޮށްފައިވާ އިރު, މި ކޯހުގައި ކިޔަވައި ދެއްވީ އަލްޤާރީ އަޙްމަދު ރަޝީދު އަބްދުލް ޤާދިރާއި، ޚަދީޖާ ޙަސަން މަނިކެވެ.
ދިވެސް އަކުރު ކޯހުގެ މި ބުރު މި މަހު ބޭއްވިފައި މިވަނީ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހުއެވެ. މިއީ ރާއްޖޭގެ އަކުރުގެ ތާރީޚު ދިރުވައި އާލާކުރުމާއި ދިވެސްއަކުރު ލިޔަންކިޔަން ދަންނަ މީހުން އުފެއްދުމާއި ތާރީޚު ދިރާސާކުރާ ބަޔަކަށް ތާރީޚީ މަޢުލޫމާތު އޭގެ އަސްލު ލިޔެކިޔުންތަކުން ހޯދުމަށް ފުރުސަތު ފަހިކޮށްދިނުމުގެ މަޤްސަދުގައި އެކެޑަމީއިން ރާވައި އިންތިޒާމް ކުރާ ކޯހެކެވެ.



