މާލޭގައި ދެވަނަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރެއް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، މާދަމާއިން ފެށިގެން ދަމަނަވެށި ވަގުތީ ގޮތުން ބަންދުކުރުމަށް ސިއްހަތާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. މި ނިންމުމަކީ މާލޭ ސަރަހައްދުގައި ޖީ.ޕީ އަދި އާބަން ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ނިންމި ނިންމުމެކެވެ.
ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ކުރީގެ ތެލެސީމިއާ ސެންޓަރާއި މިހާރު ދަމަނަވެށީގެ ގޮތުގައި ބޭނުންކުރާ އިމާރާތް މަރާމާތުކޮށް، ޒަމާނީ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރެއްގެ ގޮތުގައި ތަރައްޤީ ކުރެވޭނެއެވެ. މި ބަދަލާއެކު މާލޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު އަސާސީ ސިއްހީ ހިދުމަތްތައް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ދަމަނަވެށި ބަންދުކުރުމާ ގުޅިގެން، އެ ތަނުން މިހާރު ދެމުންދާ ހިދުމަތްތައް މާދަމާއިން ފެށިގެން މާފަންނުގައި ހިންގާ އާބަން ޕްރައިމަރީ ހެލްތު ސެންޓަރަށާއި ހުޅުމާލެ ފޭސް 2 ގައި ހުންނަ ޖީޕީ ކްލިނިކަށް ބަދަލުކުރެވޭނެއެވެ. އަދި ދަމަނަވެށީގައި މަސައްކަތްކުރަމުން ދިޔަ މުވައްޒަފުންވެސް މިހާރު ވަނީ މި ދެ މަރުކަޒަށް ބަހާލެވިފައެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް މީގެ ކުރިން ވިދާޅުވެފައިވަނީ، ހެންވޭރުގައި އާބަން ޕްރައިމަރީ ހެލްތު ސެންޓަރު ހުޅުވުމާއެކު، ދަމަނަވެށީގެ ހުރިހާ ހިދުމަތްތަކެއް އެ މަރުކަޒަށް ދާއިމީކޮށް ބަދަލުކުރެވިގެންދާނެ ކަމަށެވެ. .



