މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫއުގެ ތަފުސީލީ ކުރެހުންތަކާއި ދިރާސާތައް ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ފަށައިފިއެވެ. މިއީ މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅުކޮށް، ދަތުރުފަތުރު ކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް ފަށާފައިވާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫއަކީ ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ދީފައިވާ 130 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި އެހީގެ ދަށުން މާލެއާއި ވިލިމާލޭގެ މަގުތައް އަލުން ތަރުތީބުކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މަޝްރޫއުގެ ކުރިއެރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، މަޝްރޫއުގެ ފީޒިބިލިޓީ މަރުހަލާ މިހާރު ނިމިފައިވާ ކަމަށެވެ. އަދި މަގުތައް ޑިޒައިންކުރާ ޓީމު މި މަހުގެ ތެރޭގައި މާލެ އަންނާނެކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ އެންމެ މުހިންމު އެއް އަމާޒަކީ މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ. މަގުތައް ހަދާއިރު ފެން ހިންދާ ނިޒާމުތައް ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކާއެކު މަގުތައް ފަރުމާކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ވިލިމާލޭގެ މަގުތައް ވެސް މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވިގެންދާނެއެވެ.



