މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެމްޓީސީސީން ތައްޔާރުކުރި “މާލެ ޓެކްސީ” މޯބައިލް އެޕްލިކޭޝަން ރަސްމީކޮށް އިފްތިތާހުކޮށް ބޭނުންކުރަން ފަށައިފިއެވެ. މި އެޕްލިކޭޝަންގެ ސަބަބުން ފަސޭހަކަމާއެކު ދަތުރުތައް ހޯދުމުގެ އިތުރުން، ދަތުރު ފެށުމުގެ ތިން ގަޑިއިރު ކުރިން ދުރާލާ ދަތުރުތައް ތާވަލުކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ދެއްކުމުގައި ގިނަ ލުއިތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން އެޕްލިކޭޝަންގައިވާ ވޮލެޓަށް ފައިސާ ޖަމާކޮށްގެންނާއި، ބޭންކް ކާޑު ބޭނުންކޮށްގެންނާއި، އަދި “ސްކޭން އެންޑް ޕޭ” މެދުވެރިކޮށް ފަސޭހައިން ފައިސާ ދެއްކޭނެއެވެ. މީގެ އިތުރުން، ކޮށްފައިވާ ދަތުރުތަކާއި ތާވަލުކޮށްފައިވާ ދަތުރުތަކުގެ ތަފްސީލުތައްވެސް މި އެޕްލިކޭޝަންގެ އެހީގައި ބަލާލެވޭނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
ކަސްޓަމަރުންގެ ރައްކާތެރިކަމަށް އިސްކަންދީގެން މި އެޕްލިކޭޝަންގައި ކުއްލި ހާލަތްތަކުގައި ބޭނުންކުރެވޭނެ “އިމަޖެންސީ ފީޗަރ” އެއް ވަނީ ހިމަނާފައެވެ. އަދި ޑްރައިވަރަށް ގުޅުމާއި މެސެޖުކުރުމުގެ އިތުރުން، ޓެކްސީ ތެރޭގައި އެއްޗެއް ބޭއްވިފައިވާނަމަ އެކަން ރިޕޯޓްކުރުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. މާލެ ޓެކްސީ ލައިނަކީ މާލެ ސަރަހައްދުގެ ޓެކްސީގެ ދަތިކަމަށް ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފެށި ހިދުމަތެކެވެ.
އެމްޓީސީސީން ބުނި ގޮތުގައި އެޕްލިކޭޝަން ތައާރަފުކުރި ނަމަވެސް، ކުރިއެކޭވެސް އެއްފަދައިން ވެބްސައިޓް މެދުވެރިކޮށް އަދި ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެންވެސް ޓެކްސީ ބުކް ކުރެވޭނެއެވެ.



