އދގެ އާންމު މަޖިލީހުގެ އިގްތިސާދީ އަދި މާލީ ކޮމިޓީ (ސެކަންޑް ކޮމިޓީ) ގެ މުގައްރިރުގެ ނައިބުގެ މަގާމަށް ދިވެހިރާއްޖެ އިންތިހާބުވެއްޖެ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ. އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައި ބޭއްވި މި އިންތިހާބުގައި ރާއްޖެ ހޮވިފައިވަނީ އާންމު މަޖިލީހުގެ މެންބަރު ގައުމުތަކުގެ އިއްތިފާގުންނެވެ.
މި މުހިންމު މަގާމުގައި ރާއްޖެ ތަމްސީލު ކުރައްވާނީ އދއަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ ސެކަންޑް ސެކްރެޓަރީ އަލްފާޟިލް ޙުސައިން އަޛްހާން މުޙައްމަދު ޙުސައިންނެވެ. އޭނާ މި މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން 2027 ގެ ސެޕްޓެމްބަރުގެ ނިޔަލަށް ކުރިއަށްދާ އދގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގައެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި ކާމިޔާބީއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބައިނަލްއަގްވާމީ މައިދާނުގައި ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށް ލިބުނު ބޮޑު އިތުބާރެކެވެ. ވަކިން ހާއްސަކޮށް، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމާއި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް މީގެން ރަމްޒުކޮށްދެއެވެ.
އދގެ “ސެކަންޑް ކޮމިޓީ” އަކީ ދެމެހެއްޓެނިވި ތަރައްގީއާއި އިގްތިސާދީ ކުރިއެރުމާ ގުޅުންހުރި މުހިންމު ނިންމުންތައް ނިންމާ މައިގަނޑު އެއް ގޯއްޗެވެ. ރާއްޖެއިން މި މަގާމުގައި ހުރެ، ކޮމިޓީގެ ބިއުރޯއާ ގުޅިގެން ބައިނަލްއަގްވާމީ މާލީ އަދި އިގްތިސާދީ އެޖެންޑާ ކުރިއަށް ގެންދިއުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ.



